މާލެ އަންނަން މަޖުބޫރުކުރުވީ ސިޔާސަތެވެ

Share on facebook
Share on google
Share on twitter
Share on linkedin
Share on pinterest
Share on email

މިދުވަސްވަރު މީސްމީޑީއާގައި އެންމެ ގިނައިން ކުރާ ސުވާލަކީ މާލެ އައީ ކީއްވެ؟ މި ސުވާލެވެ. ސުވާލުގެ ޖަވާބުތައް ވަރަށް ގިނައެވެ. އެކި ޢިބާރާތްތަކުން އެކި ބަހުރުވައިން އެ ސުވާލުގެ ޖަވާބު މީސްމީޑިއާގައި  އޮއްސާލިއެވެ. ބައެއް މީހުން މާލެ އައީ ރަށުން ނުލިބޭ ތަޢުލީމު ހޯދުމަށެވެ. އަނެއްބަޔަކު މާލެ އައީ ވަޒީފާ ހޯދުމަށެވެ. ޙަޤީގަތަކީވެސް މިއީއެވެ.

ރަށުގައި ތިބެގެން ރަނގަޅު ތަޢުލީމެއް ނުލިބެއެވެ. ބައެއް ރަށްރަށުގައި އޯލެވެލް ، އޭލެވެލް ރަށުގައި ތިބެ ކިޔެވުނަސް އެއަށްވުރެ މައްޗަށް ކިޔަވަން ބޭނުންވާނަމަ، ދާންޖެހެނީ މާލެއެވެ. ދަރިންނަން ކިޔަވައިދިނުމަށް ރަށުގައި ހުރި ތަނަވަސް ބޮޑެތި ގެތަށް ދޫކޮށް މާލޭގެ ކޮތަރު ކޮށިތަކަށް ވަންނަން މަޖުބޫރު ކުރުވީއެވެ. ތަޢުލީމު ހޯދުމަށް މާލެ އަންނަން ޖެހުން މަޖުބޫރުކުރުވީ ސިޔާސަތެވެ.

މާލެ އަންނަން މަޖުބޫރުކުރުވާ އަނެއް ސަބަބަކީ ރަށްރަށުގައި ރަނގަޅު ސިއްޚީ ޚިދުމަތްތައް ނުލިބުމެވެ. ޑަކްޓަރު ހުރިއްޔާ ބޭހެއް ނުހުރެއެވެ. ބޭސް ހުރިއްޔާ ޑަކްޓަރެއް ނުހުރެއެވެ. ނަތީޖާ އަކީ އިނގިއްޔެއްގައި ރިއްސާލިޔަސް އަގުބޮޑުކޮށް ޓިކެޓް ނަގައިގެން އަނެއްކާވެސް މާލެ އަންނަން މަޖުބޫރުވުމެވެ. ގިނަ ރަށްރަށުގައި އެމަޖެންސީ ހާލަތެއްގައި ދެވޭނެ ފަރުވާއެއް ނުހުރެއެވެ. އަތޮޅު ހޮސްޕިޓަލުތަކަކީ ނަމެއްގައި ހުންނަތަނެކެވެ. އެކި ބަލިތަކަށް ޚާއްސަ ޑޮކްޓަރުންނެއް ނުތިބެއެވެ. ޚާއްސަ ޑޮކްޓަރަކަށް ދައްކަންޖެހުނީމާ އަނެއްކާވެސް މާލެ ދާން މަޖުބޫރުވީއެވެ. ރީޖަނަލް ހޮސްޕިޓަލުތަކުގައި އަންހެނުންގެ ޚާއްސަ ޑޮކްޓަރެއްނެތިގެން ވިހަން އަންނަންޖެހެނީ މާލެއަށެވެ. މާލެ އަށް މީހުން ބަދަލުވަނީ މި ފަދަ އަސާސީ ޚިދުމަތްތައް ރަށުން ލިބެން ނުހުންނާތީއެވެ. ވީމާ، މާލެ އަންނަން މަޖުބޫރުކުރުވީ ސިޔާސަތެވެ.

ރަށްރަށުގައި ވަޒީފާތައް މަދުވުމަކީ ވެސް މާލެ އަންނަން މަޖުބޫރުކުރުވާ އެންމެ ބޮޑު އެއް  ސަބަބެވެ. މާލެ ކިޔަވަން އަންނަގޮތަށް ރަށަށް ނުދެވެނީ ކިޔަވައިގެން ރަށުގައި އަދާކުރާނެ ވަޒީފާއެއް ނުލިބޭތީއެވެ. މީސްމީޑިއާގައި ބައެއް މީހުން ބުނެފައިވާ ގޮތުގައި ރަށްރަށުގައި ވަޒީފާ އެއް ލިބޭނީ އެ ވަޒީފާއެއް އަދާކުރާމީހަކު ނިޔާވީމައެވެ. މިއީ ހުރިހާ ސިޔާސަތެއް މާލެއަށް މަރުކަޒުކުރުމުގެ ނަތީޖާއެވެ.

މާލެ އަންނަން ޖެހެނީ ކީއްވެގެންކަން ހުރިހާ ސަރުކާރަކަށްވެސް އެނގެއެވެ. 2014 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބަށް ބަލާއިރު ރާއްޖޭގެ އާބާދީގެ 37 ޕަސެންޓް މީހުން ދިރިއުޅެނީ މާލޭގައެވެ.  ނަމަވެސް މިކަމަށް ހައްލެއް ހޯދުމަށް އެއްވެސް ސަރުކާރަކުން މަސައްކަތެއް ނުކުރެއެވެ. އޭގެ ބަދަލުގައި މާލޭގައި ބޮޑެތި މަޝްރޫޢުތައް ފަށައި، މާލެ ކައިރީގައިވާ ތަންތަން ހިއްކައި އެތަންތަނުގައި ބުރިބުރިއަށް ފްލެޓް އަޅަނީ މާލެ އަންނަން މަޖުބޫރުކުރުވުމަށް ނޫންތޯއެވެ. އަތޮޅު ރީޖަނަލް ހޮސްޕިޓަލުތައް މާލެ އާއި އެއްފެންވަރަށް ތަރައްޤީ ނުކުރަނީ މާލެ އަންނަން މަޖުބޫރު ކުރުވަން ނޫންތޯއެވެ. އަބަދުވެސް އިވެނީ މާލެ ސަރަޙައްދުގައި ބޯޑު ސްކޫލެއް އަޅާ ވާހަކައެވެ. މާލެ ސަރަހައްދުގައި ބޮޑު ހޮސްޕިޓަލެއް އަޅާވާހަކައެވެ. މާލެ ސަރަޙައްދުގައި ބޮޑު ފަތާ ފެންގަނޑެއް ހަދާ ވާހަކައެވެ. މާލެ ސަރަޙައްދުގައި ދުވާނެ ބޮޑު ޓްރެކެއް ހަދާ ވާހަކައެވެ. އެކަމަށް ދައުލަތުން ބޮޑެތި ޚަރަދުތައް ކުރެއެވެ. ބަޖެޓްތައްވެސް އޮވެއެވެ. ނަމަވެސް ރަށްރަށުގައި ތަރައްޤީގެ ބޮޑެތި ޕްރޮޖެކްޓްތައް ހިންގަން ބަޖެޓް ނޯންނަކަމީވެސް އެންމެ ދަންނަ ބޮޑު ސިއްރެކެވެ.

މާލެ އަށް ތޮއްޖެހުން މަދުކުރެވޭނީ ތަފާތުނުކޮށް ހަމަހަމައަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދެވިގެންނެވެ. މާލެއަށް މީހުން އަންނަނީ މާލެ ރީތިވެފައި އުޅެން ފަސޭހަވީމައެއް ނޫނެއެވެ. އަގުހެޔޮ ވީމައެއްވެސް ނޫނެވެ. މާލެ އަންނަން ސިޔާސަތު މަޖުބޫރުކުރުވީއެވެ. އަސާސީ ޚިދުމަތްތައް މިވަނީ އެއްތަނަކަށް ޖަމާކޮށްފައެވެ. ސިއްހީ ހިދުމަތް، ތައުލީމު، ވަޒީފާ، އިގްތިސާދާއި އެހެން ހުރިހާ ކަމެއް މިއޮތީ މިތަނަށް ޖަމާކޮށްފައެވެ. ވީމާ އަހަރުމެން މާލެ އައީއެއް ނޫނެވެ. މާލެ އަންނަން މަޖުބޫރުކުރުވީ ސިޔާސަތެވެ.

Leave a Comment

Your email address will not be published.

ތާޅަފަިލި ބްލޮގް އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ހިނގާ ކޮރަޕްޝަނާއި، ތަފާތުކުރުންތަކާއި، އަދި އެހެނިހްން އިހުމާލުވުންތަށް އެއްވެސް ސިޔާސީ ނުފޫޒެއްނެތި ރިޕޯޓު ކުރުމަށް ކުރެވޭ މަސައްކަތެކެވެ. މި ބޮލޮގުގައި ކޮންމެ މީހަކަށްވެސް ލިޔުމެއް ޝާއިރު ކުރެވިދާނެއެވެ

  • މައުލޫމާތު
  • މަސައްކަތް
  • އިޝްތިހާރު ކުރުން
  • ގުޅުއްވުމަށް
  • މައުލޫމާތު ފޮނުވުމަށް
  • ހުރިހާ ހަބަރުތައް
  • ކޮރަޕްޝަން
  • ވައްކަން
  • ސަރުކާރު
  • ސިޔާސީ

އީމެއިލް އަށް ހަބަރު ލިބިލެއްވުމަށް މިބައި ފުރާލާ